މޯލްޑިވްސް ކަސްޓަމްސްގެ ވާހަކަ ކޮންމެ މީހެއް ކައިރި ދެއްކި ކަމުގައިވިޔަސް އަޑު އިވޭ އެއްކަމަކީ މުދާ ކްލިއާރ ކުރުމުގައި ދިމާވާ ލަސްތަކުގެ ވާހަކައެވެ. މިތަންފީޒީ އިދާރާ މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތްތައް އާންމުންނަށް ގިނަ ފަހަރު ހުންނަނީ ރަނގަޅަށް ފަހުމުނުވެއެވެ.
އަޅުގަނޑުމެންގެ މަގްސަދަކީ މި މަސައްކަތްތަކާއި ކަސްޓަމްސްއާ މެދު އުފެދިފައިވާ ކުއްހީތަކަށް އަލި އަޅުވާލުމެވެ. މިގޮތުން އަޅުގަނޑުމެން ކަސްޓަމްސްގެ މައި އޮފީހަށް ޒިޔާރަތްކޮށް ކަސްޓަމްސްގެ ބައެއް އޮފިސަރުންނާ ވާހަކަ ދައްކާލީމެވެ.
އަގު އަދި ޑިލޭގެ މައްސަލަ
ކަސްޓަމްސްއަކީ ދިވެހި ސަރުކާރުން ހަދާފައިވާ މުދާ އެތެރެކުރުމުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ އިދާރާއެވެ. އެއިދާރާގެ މައިގަނޑު މައްސޫލިއްޔަތަކަށް ކަސްޓަމްސްއިން ބުނެފައިވަނީ ސަލާމަތާއި ރައްކާތެރިކަން، ވަކި ޕޮލިސީތަކަކާއި ޕްރޮސީޖަރސްތަކެއްގެ ތެރެއިން، ޔަގީން ކޮއްދިނުމެވެ.
ކަސްޓަމްސްއިން ޑިއުޓީ ނެގުމުގެ ޕްރޮސެސް ތެރެއިން އަންނަ އެންމެ މުހިއްމު އެއްބަޔަކީ ވެލުއޭޝަންގެ މަސައްކަތެވެ. އެއީ މުދާ އާންމުކޮށް ގަނެވިއްކާ އަގު ބަލާ ހުށައަޅާފައިވާ ލިޔެކިޔުންތަކާ އެއަގު ދިމާވޭތޯ ބެލުމެވެ. މިކަން ކުރަން ކަސްޓަމްސްއިން ބޭނުންކުރާ ސްޓޭންޑަރޑްއަކީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންއާއި ކަނޑައަޅާފައިވާ އަގުތަކާއި މިންގަނޑު ތަކެވެ. މިއީ ކޮންމެ މީހަކަށްވެސް ބަލާލަވޭ ގޮތަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ވެބްސައިޓްތަކުގައި ޕަބްލިޝް ކުރެވިފައިވާ މިންގަނޑުތަކެކެވެ.
“އަގުބެލުމަށް މިކޮޅުން ބޭނުން ކުރަނީ ޑަބްލިއުޓީއޯއިން (W.T.O) ހުރިހާ ގައުމަކާ ވެފައި އިންނަ އެގްރީމަންޓްއާ އެއްގޮތަށެވެ.”
ޒުބޭރު ބުނި ގޮތުގައި ވެލުއޭޝަންއާ ގުޅޭ ގޮތުން މައްސަލަ ގިނަވަނީ އާންމުންނަށް މި ޕްރޮސެސް ކުރިއަށްދާގޮތް އިނގިފައި ނުވާތީއެވެ. ނަމަވެސް މިކަހަލަ ހުރިހާ ޤަވާއިދެއް އަދި ކްރައިޓީރިއާއެއް ކަސްޓަމްސް ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އޭނާ ބުނެފައިވާވެއެވެ.
“އަޅުގަނޑުމެން ޑިއުޓީ މައިގަނޑު ގޮތަކަށް ނަގަނީ އެޑް ވެލަރަމް ބޭސިސްއަށް، އޭގެ މާނައަކީ ވެލިއުގެ ޕަސެންޓޭޖެކެވެ.” ސުޕަރއިންޓެންޑް، ވެލުއޭޝަންސް އެންޑް ޕްރޮސީޖަރސް އަލީ ޒުބޭރު ކިޔައިދިނެވެ.
ބައެއް މުދަލަކީ އޭގެން ޑިއުޓީގެ ގޮތުގައި ބޮޑު އަގެއް ނެގޭ ބާވަތްތަކެއް ހިމެނޭ މުދަލެވެ. މީގެ އެންމެ އާންމު އެއް ވައްތަރަކީ އެނާރޖީ ޑްރިންކްތަކެވެ. އެނާރޖީ ޑްރިންކްތަކަކީ އާދައިގެ ފުޅިއާއި ދަޅުން ނެގޭ ޑިއުޓީއަށްވުރެން ބޮޑު އަގެއް އޭގެން ނެގިގެންދާ މުދަލެކެވެ. އެހެންކަމުން އެނާރޖީ ޑްރިންކް ގެންނައިރު ބައެއް ވިޔަފާރިވެރިން ކަސްޓަމްސްއަށް ހުށައަޅާ ލިޔެކިޔުންތަކުގައި އެއީ އެނާރޖީ ޑްރިންކް ނޫން އެހެން ކަހަލަ ބުއިމެއް ކަމަށް ލިޔެފައި ހުންނަކަން ކަސްޓަމްސްގެ އޮފިސަރުން ފާހަގަ ކުރިއެވެ. ބައެއް ފަހަރު ކަސްޓަމްސްގެ ސިސްޓަމުން މިގޮތަށް ހުރިކަމުގައި ވިޔަސް، އެމުދާ ރަނގަޅު ކަމަށް ބަލާފައި ދޫކޮއްލައެވެ. ނަމަވެސް ދެން ކަސްޓަމްސްގެ އޮފިސަރެއް އެގޮތަށް ދޫކޮއްލައިފާވާ ބުއިމެއް ދެން ގެންނަ ފަހަރު ހިފަހައްޓާ، އޭގެން ބޮޑު ޑިއުޓީ ނެގޭނެ މުދަލެއްކަމަށް ބެލުމުން މައްސަލަ ޖެހޭކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މިކަހަލަ މައްސަލަތައް ދިމާވުމުން ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން މިއީ ކަސްޓަމްސްގެ އެކި އޮފިސަރުން އަމިއްލަޔަށް އަގު ކަނޑައަޅާތީވެ ދިމާވާ ކަންކަމެވެ.
‘އެންމެ ބޭސިކް ގޮތުގައި ބުނާނީ ހިތަށްއެރި އަގެކޭ އަޅަނީ، ހިތަށްއެރި ގޮތަކަށޭ ޑިއުޓީ ނަގަނީ، މިކަންކަން މިއީ އަޅުގަނޑުމެން އިންޑިވިޖުއަލީ ކުރާ ކަންކަމެއް ނޫން”، ޒުބޭރު ބުނެފައިވެއެވެ.
ސުޕަރއިންޓެންޑް، ސީކާރގޯ އެކްޒަމިނޭޝަންސް ރަމްލާ އަހުމަދު ފާހަގަކުރިގޮތުގައި މިހެން ގުޅާ ފަރާތްތަކުން އޮފިސަރަށް ކަޓުނުދިނުމުން އަގު ބޮޑު ކުރިކަމަށް ބުނެ ޝަކުވާ ކުރެއެވެ.
“ކޮންސައިނީ އެބަ ގުޅާފަ ބުނޭ، ތިކޮޅު އޮފިސަރަށް ކަޓު ނުދިނީމަހޭ ތިބުނީ މީތި ދަނީ އެނާރޖީ ޑްރިންކަށޭ”، އޭނާ ބުންޏެވެ.
ވެލުއޭޝަންގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވޭނަމަ, ނުވަތަ މުދަލެއްގެ ވެލުއޭޝަންއާއި މެދު ހިތްހަމަނުޖެހޭނަމަ, ވެލުއޭޝަން ކޮމިޓީއަށް އެޕީލް ކުރުމުން ކަސްޓަމްސްއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކޮންމެ އިންޑިވިޖުއަލް ކޭހެއްވެސް ރިވިއު ކުރެވިގެންދާނެއެވެ.
“އަގުގަވެސް ވަކިން އެޕީލް ޕްރޮސެސްއެއް އިންނާނެ، އަގު ގަބޫލު ނުކުރެވެންޏާ މި ކޮޅުގަ އިންނާނެ އަގު ކަނޑައެޅުމަށް އިތުރަށް ރިވިއުކޮށްދޭ ވެލުއޭޝަން ކޮމިޓީ ކިޔާ ކޮމިޓީއެއް،” ޒުބޭރު ބުންޏެވެ. މިކޮމިޓީއިން މިފަދަ މައްސަލަ ބެލުމަށްފަހު ގޮތެއް ކަނޑައަޅާނެއެވެ.
މީގެ އިތުރުން ކްލިއަރަންސްގައި ދިމާވާ ލަސްތަކާއި ބެހޭގޮތުން ސުވާލު ކުރުމުން ރަމްލާ ބުނެފައިވަނީ ގިނަ ފަހަރު އެލަސްވުން ދިމާވަނީ ކަސްޓަމްސްގެ ސަބަބުން ނޫން ކަމަށެވެ.
“ބައެއްފަހަރު ބޯޓުއައިސްގެން މިތާ ކިއުވޯލްއިން ޖާގަނުލިބިގެން، ކޮންޓެއިނަރ ނުބޭލިގެން ޑިލޭ ގޮސްދާނެ ބޯޓުން އަންލޯޑު ކުރަން ހަފްތާއެއްވެސް، އެކަމަކު އެޑިލޭވެސް މިހާރު އަންނަނީ ކަސްޓަމްސްއަށެވެ. ބޯޓުވަދެއްޖެއޭ އެކަމް ކަސްޓަމްސްއިން އަދިވެސް ކްލިއަރ ނުކުރެވެއެވެ. އެކަމް އަސްލު އޭރު އަދި ކަސްޓަމްސްގެ ކްލިއަރަންސްއާ ހަމައަށް ނުވެސް އާދެއެވެ”, އޭނާ ބުންޏެވެ.
ވަކި ޕްރޮސީޖަރެއްގެ ދަށުން އެމްޕީއެލްއިން މުދާ އުޅަނދުން ބޭލުމުން ނޫނީ ކަސްޓަމްސްއިން އެމުދަލުގެ ކްލިއަރަންސް ޕްރޮސެސް ނުފެށޭނެކަމުގައި އޭނާ ބުނެފައިވެއެވެ. ނަމަވެސް ބޯޓުން މުދާ ބޭލުމުގައި ދިމާވާ ލަސްތައްވެސް އެޅިގެން މިދަނީ ކަސްޓަމްސްގެ ބޮލުގައިކަންވެސް ރަމްލާ ފާހަގަކުރިއެވެ.
“ވަރަށް ފަހުން މިކޮޅުން ހެދި ޓައިމް ރިލީސް ސްޓަޑީއެއް، ގައުމުތަކުގަ ހަދާ އެއްޗެއް މިއީ. ކްލިއަރަންސްގަ ކިހާވަގުތެއްތޯ ހޭދަވަނީ، އޭގެން ބެލިޔަސް ކަސްޓަމްސް ޑޮކިއުމެންޓް ޕްރޮސެސް ނިންމާލަން، ކަސްޓަމްސް އިންސްޕެކްޝަންއެއް ނިންމާލަން، އެއަށް ނުނަގާ 3 ގަޑިއިރުވެސް. އަސްލު އޮން އެވަރެޖް ނާރާނެ 3 ގަޑިއިރެއް،” ޒުބޭރު ބުންޏެވެ. ހުރިހާ ފޯމް އަކާ ޑޮކިއުމަންޓް ހުރިނަމަ ލަހެއް ނުވާނެ ކަމަށްވެސް ޒުބޭރު ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި މިކަހަލަ ކުއްހީތައް ހުންނަނީ މި ޕްރޮސެސްއާއި މިކަމުގައި ބައިވެރިވާ ޕާޓީތައްވެސް ގިނަ މީހުންނަށް ނޭނގޭތީކަމަށެ.
ކަސްޓަމްސްއިން ލިބިގެންދާ ފުރުސަތުތަކާއިމެދެ އުފެދިފައިވާ ޝައްކު
ގިނަ ދިވެހިންނަށް ވިސްނިފައިއޮންނަ ގޮތުގައި ކަސްޓަމްސްގެ މައިގަނޑު މަސައްކަތަކީ ހަމައެކަނި ރާއްޖެއަށް ގެންނަ މުދާ ޗެކްކޮއްލުމެވެ. ނަމަވެސް މިއީ ވަރަށްވެސް ބޮޑު ކުއްހީއެކެވެ. ކަސްޓަމްސް އޮފިސަރުން ބުނި ގޮތުގައި އެއިދާރާއަކީ 70އެއްހާ ދާއިރާ ހިމެނޭ, ތަފާތުއެކި ފަންނުތަކުން ތަމްރީނު ލިބިގެން ކުރިއަރާފައިވާ މުވައްޒަފުން މަސައްކަތް ކުރާ އިދާރާއެކެވެ.
ސާނަވީ އަދި މަތީ ސާނަވީގައި ކޮންމެ ސްޓްރީމްއެއް ކިޔެވިކަމުގައިވިޔަސް، ކަސްޓަމްސްގެ ތެރެއިން އޭގެ ބޭނުން ހިފާ، އެދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު އޮންނާނެކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. ޒުބޭރުވަނީ ބައެއް ދާއިރާތައް ފާހަގަ ކޮއްލާފައެވެ. އޭގެ ތެރޭގައި އިންފޯމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް، ފިނޭންސް، ލެބޯރަޓޯރީ ޓެސްޓިންގް، ފޮރެންސިކްސް، އަދި ޕެސެންޖާރ ޕްރޮފައިލިންގް ހިމެނެއެވެ. މީގެންވެސް ޕްރޮފައިލިން އަދި ފޮރެންސިކްސް ފަދަ ދާއިރާތަކަކީ އޭގެ މަތީ ތައުލީމު އުގެނުމުގެ ފުރުސަތުވެސް ކަސްޓަމްސް މެދުވެރިކޮށް ލިބިގެންދާނެ ދާއިރާތަކެވެ. މީގެ އިތުރުންވެސް އެކި ކޯސްތައް ހަދާ އުނގެނުމުގެ ފުރުސަތު ކަސްޓަމްސްއިން ލިބިގެން ދާނެއެވެ.
ކުރީގެ ޖެނަޑާރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީވަނީ 2020ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސްގެ ސީ ކާގޯ ޑިޕާޓްމެންޓަށް އަންހެން އަފިސަރުން އައްޔަނު ކުރައްވާފައެވެ. މީގެ ސަބަބުން އަންހެން އޮފިސަރުންނަށް ވަނީ ކުރިން ބަންދުވެފައި ހުރި އެތަކެއް ދޮރެއް ހުޅުވިފައި، އަދި ކަސްޓަމްސް ތެރޭގައި އަންހެނުންގެ ހަމަހަމަކަން އަންގައިދީފައެވެ. މިއީ ކަސްޓަމްސްގައި ވަޒީފާ އަދާކުރާ ހުރިހާ އަންހެން އޮފިސަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ކަސްޓަމްސްއިން ލިބިގެންދާ ފުރުސަތުތަކާއި ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ސީނިއަރ ސުޕަރއިންޓެންޑް، ސީކާރގޯ އެކްޒަމިނޭޝަންސް ފަރުހާދު ދާވޫދު ބުނެފައިވަނީ ރާއްޖޭން ބޭރުންވެސް އެތަކެއް ތަމްރީނެއް ހާސިލް ކުރުމުގެ ފުރުސަތު އޮފިސަރުންނަށް ލިބޭނެ ކަމަށެވެ. ރާއްޖޭން ބޭރުން ހަދާ ކޯސްތަކުގެ ތެރޭގައި ކޭ-9 ކޯސް، ކުއްތާގެ އެހީގައި މަސްތުވާ ތަކެތި ހޯދުމުގެ ތަމްރީނުވެސް ހިމެނޭ ކަމަށް ފަރުހާދުވަނީ ފާހަގަކޮއްލާފައެވެ.
ކިޔަވާ ކުދިން ދެކޭގޮތް
ކިޔަވަމުން އަންނަ ކުދިންވެސް ކަސްޓަމްސް ދެކެނީ ވަރަށް މަސައްކަތް ކުޑަ، ދާއިރާތައް މަދު ތަނެއްގެ ގޮތުގައެވެ. ކަސްޓަމްސްއާ ބެހޭ ގޮތުން މުޖުތަމައު ތެރޭގައި ހުންނަ ކުއްހީތައް އެކުދިންނަށް އަޑުއިވި، އެއީ ތެދުކަމަށްވިސްނިފައެވެ. ކަސްޓަމްސްއިން ސްކޫލްތަކާއި ޔުނިވާރސިޓީ ތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގައެވެ.
ޒުބޭރު އިތުރަށް ވަނީ ސްކޫލްތަކާއި ޔުނިވާރސިޓީ ތަކުގައި ކިޔަވަމުން ދާ ކުދިން ކަސްޓަމްސް ދެކޭ ގޮތުގެ ވާހަކަވެސް ކިޔާދީފައެވެ.
“އަޅުގަނޑުވެސް ބައެއްފަހަރު ޔުނިވާރސިޓީ އަދި ސްކޫލް ތަކުގައި ހިންގާ ‘އެވެއާނަސް ޕްރޮގްރާމް’ތަކުގައި ބައިވެރިވަން. ފުރަތަމަ ކަސްޓަމްސް 10ން ރޭޓް ކުރަން ބުނީމަ ހަމަ ގިނަ ފަހަރު 4 ނޫނީ 5އެކޭ ބުނާނީ. އެކަމު މިކޮޅުން ކުރާ މަސައްކަތާއި ހުރިހާ ކަމެއް ކިޔާދިނީމަ ރޭޓިންގް އަރާނަ އާންމުކޮށް 7 ނުވަތަ 8ކަށް”، ޒުބޭރު ބުނެފައިވެއެވެ.
ކަސްޓަމްސްއަކީ ރާއްޖޭގެ ބޯޑަރުން ވައްދާ ހުރިހާ އެއްޗެއް ރަނގަޅަށް ބަލާ ސާފްކޮއް އެތަކެތިން ދިވެހިންނަށް ގެއްލުންނުވާނެކަން ޔަގީން ކޮއްދޭ، ބޯޑަރުގެ ދިފާއުގައި ތިބޭ ހީވާގި ބައެކެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުނަމަ, މިފަދަ ކުއްހީތައް މަދުވާނެކަން ޔަގީނެވެ.

