
މުދާ އެތެރެކުރުމަށް އިތުބާރުހިފޭ ކުންފުންޏެއް ހޯދުމަކީ ކޮންމެ ވިޔަފާރިއަކައްވެސް މުހިއްމު ކަމެކެވެ. ލޮޖިސްޓިކްސްގެ ކަންތައް ފަސޭހައިން ނިންމި، މުދާ އެތެރެކުރެވޭނެ ގޮތް ހޯދުމަކީ ކޮންމެ ވިޔަފާރިއެއްވެސް ކުރިއެރުމަށް މަގުފަހިވާ ކަމެކެވެ
ތިރީގައި މިވަނީ މުދާ އުފުލާ ކުންފުންޏެއް އިޚްތިޔާރު ކުރާއިރު ވިސްނާލުން މުހިއްމު ބައެއް ކަންތަކެވެ
ތަޖުރިބާ އަދި އަބުރުވެރިކަން
އެތެރެ ކުރާ މުދަލުގެ ގޮތުން މުދާ އުފުލުމުގައި ތަޖުރިބާ ލިބިފައިވާ ބައެއް ހިޔާރުކުރުމަކީ ވިޔާފާރި ހިންގުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މުދާ އުފުލާ ކުންފުނިތަކަކީ އެކި ކަހަލަ މުދާ ގެންގުޅުމުގެ ތަޖުރިބާ ލިބިފައިވާ ބައެއް ކަމުން، އެކަހަލަ ކުންފުނިތައް މެދުވެރިކޮށް މުދާ އެތެރެ ކުރުމަކީ ވިޔަފާރިއަށް އަދި މުދަލަށްވެސް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެކެވެ. މީގެ ނަތީޖާއަކީ ގަނޑުކޮއްފައި ހުންނަ ނުވަތަ ކުނިވާ ޒާތުގެ މުދާ އެތެރެކުރާނަމަ ވީހާވެސް އަވަހަށް، ސަލާމަތުން އެއްތަނުން އަނެއްތަނަށް އުފުލަން މަގުފަހިވުމެވެ
ތަޖުރިބާގެ އިތުރުން، މުދާ އުފުލާ ފަރާތުން، އެކަން ކުރުމަށް ބޭނުންވާ މުހިއްމު ލިޔެކިޔުން ހުރިތޯ ބެލުމަކީވެސް އެހާމެ މުހިއްމު ކަމެކެވެ. މުދާ އުފުލާ ކުންފުނިތަކުގައި ލައިސަންސް އަދި އިތުރު މުހިއްމު ލިޔެކިޔުންތައް ދެއްކުމަށް އެދުމަކީ އެންމެ ރަނގަޅު ކުންފުނި ޙިޔާރު ކުރުމުގައި ބޭނުންތެރި ކަމެކެވެ. މިހެން މިކަން ކުރުމުން މި ބަދަހިވާ ގުޅުމަކީ ދެކޮޅުގެވެސް އިތުބާރު ލިބިގެން ބަދަހިވާނެ ގުޅުމަކަށް ވެގެން ދާނެއެވެ. އެކުންފުނިތަކުން ކޮލިޓީ ހިފަހައްޓަން ކުރާ މަސައްކަތްތައް ބަލާ ސާފުކޮށް ހުރިހާ ގަވާއިދަކަށް ބޯލަނބާތޯ ބަލަންވެސް ވާނެއެވެ
ފޯރުކޮއްދޭ ހިދުމަތްތައް
މުދާ އުފުލާ ފަރާތްތަކަކީ ލޮޖިސްޓިކްސްގެ ކަންކަން ފަސޭހަ ކޮއްދޭން އެކި ކަހަލަ ހިދުމަތް ކޮއްދޭ ބައެކެވެ. އެހިދުމަތްތަކުގެ ތަފްސީލު ހޯދާ، ކުރާ ވިޔަފާރިއަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބެލުމަކީވެސް މުހިއްމުކަމެކެވެ
މުދާ އެތެރެކުރުމުގައި ލަފާކުރި އިރަށްވުރެ ދިގުދެމިގެންދާނަމަ، މިފަދަ ހާލަތެއްގައި އޭގެ އަޕްޑޭޓް ދުވަހުން ދުވަހަށް ލިބޭނެތޯއާއި، ހިދުމަތަށް ފައިސާ ދެއްކުމަށްފަހު މުދާ އުފުލާ ފަރާތްތަކާ އޮންނަ މުއާސަލާތީ ގުޅުން އޮންނާނީ ކިހާދުވަހަކާއި ހަމައަށް ތޯވެސް ސާފު ކޮއްލަން ވާނެއެވެ. ބައެއް މުދާ އުފުލާ ފަރާތްތަކުން 24 ގަޑި އިރު ކަސްޓަމަރ ސަޕޯޓް ހިދުމަތްވެސްދެއެވެ. ކަސްޓަމްސް ކްލިއަރެންސް، ގުދަން ކުރުމުގެ ކަންކަމާއި، މުދާ ޓްރެކްކުރުމުގެ ހިދުމަތަކީވެސް ބައެއް ކުންފުނިތަކުން ދޭ ޙިދުމަތްތަކެވެ
އިތުބާރު އަދި ނަޒާހާތްތެރިކަން
މުދާ އުފުލާނެ ފަރާތެއް ހޯދާއިރު، އެވިޔަފާރިން އެންމެ ބޮޑު އަހަންމިއްޔަތެއްދެނީ ކޮންކަމަކަށްތޯ ދެފަރާތައްވެސް އޮޅުންފިލަން ޖެހޭނެއެވެ. އޭރުން މުދާ އެތެރެކުރާ ފަރާތްތަކަށް އެކަންތައްތަކާއިމެދު ވިސްނަން އިނގޭނެއެވެ. ވިޔަފާރީ ކުރިއަރުވަން ވިސްނާފައިވާ ގޮތްތައް މަޝްވަރާކޮށް މުދާ އުފުލާ ކުންފުންޏައްވެސް އަންގާ، އެކީ އެމަންޒިލަށް ވާސިލްވާން މަސައްކަތްކުރެވޭނެއެވެ.
މީގެ އިތުރުން، މަޢުލޫމާތު އޮޅުންފިލުވާ ހިސާބުންފެށިގެން ކުރިއާލާ ‘ކުއޯޓޭޝަން’ އެއް ހޯދުން މުހިންމެވެ. އޭރުން އިމްޕޯޓް އަދި އެކްސްޕޯޓް ފީ ނުވަތަ އިންޝުރަންސް ފީތަކުގެ ޖުމްލަ އަގު ހިމަނައިފާވާކަން ޔަޤީން ވެގެން ދާނެއެވެ. އިތުރަށް ދައްކަން ޖެހިދާނެ ފީތަކާއި ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވާލުންވެސް ރަނގަޅެވެ. ‘ޑެމުރޭޖް’ ނުވަތަ ޑިޓެންޝަން ފީއަކީވެސް ބައެއް ފަހަރު ނޭނގި ހުއްޓާ ދައްކަން ޖެހޭ ފީއެކެވެ. ދެ ފަރާތުގެ ދެމެދުގައި އަބަދުވެސް ދުރާލާ ކަންތައްތައް އޮޅުންފިލުވުން އަދި ޕްލޭނެއްގެދަށުން މަސައްކަތްކުރުން މުޙިއްމުވާ ސަބަބަކީ މިއީއެވެ
ހުރިހާ ހިދުމަތެއް އެއްފަރާތުން ހޯދުން
ބައިވަރު ކުންފުނިތަކެއް މެދުވެރިކޮށް މުދާ އުފުލާ އަދި ގެންދަން ބޭނުންވާ ހިސާބަށް ގެންދިޔުމަކީ އުނދަގޫ ކަމެކެވެ. އޭގެ ބަދަލުގައި އެއްކުންފުންޏަކުން ހުރިހާ ހިދުމަތެއް ހޯދުމަކީ ބުއްދިވެރި ގޮތެކެވެ. އަގުހެޔޮވެފައި މުދަލައް ގެއްލުން ލިބެން މެދުވެރިވާ ކަންކަން މަދު ވެގެން ދާނެއެވެ. މިއީ ކޮންމެ ވިޔަފާރިއަކަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ކުޑަވެގެންދާނެ ގޮތެކެވެ
ނަމަވެސް މިގޮތަށް މުދާ އުފުލާ ކުންފުނިތަކުން ބޭނުންކުރާ އުޅަނދުތަކާއި އެހެނިހެން ވަސީލަތްތަކަކީވެސް ކޮބާތޯ ބަލާލުން މުޙިއްމެވެ. އަމިއްލަ އުޅަނދުފަހަރުގައި މަސައްކަތް ކުރާނަމަ މުދަލުގެ ރައްކާތެރިކަން ތަންކޮޅެއް ރަނގަޅަށް ބެލެހެއްޓޭނެއެވެ
ކަންކަން ހޯދާ، ވިސްނުމައްފަހު މުދާ އުފުލާނެ ފަރާތެއް އިޙްތިޔާރު ކުރުމަކީ ދެފަރާތައްވެސް އެންމެ ރައްކާތެރި ގޮތެވެ. އަދި މުދާ ލިބިގަތުމުގައިވެސް އެންމެ ބުއްދިވެރިގޮތެވެ. ދުރާލާ ނުވިސްނި ނުވަތަ ރަނގަޅަށް ތައްޔާރުނުވެވޭނަމަ، މުދާ ގެއްލި، ގޮތް ނޭނގޭ އެތައްކަމެއް ކުރިމަތިލާން ޖެހިދާނެއެވެ
ވީމާ، މުދާ އުފުލާ ފަރާތާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ، ދެކޮޅަށް ވެސް އޭގެ ފައިދާ ލިބުމަށް މަގުފަހިވާނެ ގޮތެވެ

