ރާއްޖެއަށް ބޭނުންވާ މައިގަނޑު ހުރިހާ މުދަލެއްހެން އެެތެރެކުރަންޖެހެނީ ނުވަތަ އިމްޕޯޓްކުރަންޖެހެނީ ބޭރު އެކި ޤައުމުތަކުންނެވެ. އަދި އިމްޕޯޓަށް އެހާބޮޑަށް ބަރޯސާވެފައި އޮންނާތީ، ބޭރު ފައިސާއަކީ ރާއްޖޭގެ އިޤްތިޞާދަށް ވަަރަށް މުހިއްމު އެއްޗެެކެވެ. ބޭރު ފައިސާ މައިގަނޑު ގޮތެއްގައި ރާއްޖެއަށް ލިބެނީ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްގެންނާއި ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުންނެވެ. އެހެންކަމުން އިމްޕޯޓް އަދި އެކްސްޕޯޓް އިޖުރަޢާތުތައް އެނގުމަކީ، ވިޔަފާރިތައް ފަސޭހަމާއެކު ހިންގުމަށް މުހިންމު ކަމެކެވެ.
ރާއްޖޭގައި އޮންނަ އުސޫލުތަކުގެ ދަށުން މުދާ އެތެރެކުރާ ފަރާތްތަކުންނާއި ބޭރުކުރާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރަންޖެހެއެވެ. ގިނަ ބާވަތްތަކުގެ މުދަލަކީ ޚާއްސަ ހުއްދައަކާއި ނުލައި އެތެރެކުރެވޭ މުދަލަށްވީނަމަވެސް، ވަކި ބާވަތްތަކެއްގެ މުދާ އެތެރެކުރުމަށް ޚާއްސަ ހުއްދަތަކެއް ބޭނުންވެއެވެ. އޭގެތެރޭގައި ކެމިކަލް، ޓެލެކޮމިއުނިކޭޝަން އާލާތްތައް، އަދި ބޭސްފަދަ ތަކެތި ހިމެނެއެވެ.

މުދާ ބޭރުކުރުމުގައިވެސް މިފަދަ އުސޫލުތަކެއްވެއެވެ. އެގޮތުން ބައެއް ބާވަތްތަކުގެ މުދާ ބޭރުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް ނުވަތަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ބޭނުންވެއެވެ.
މުދާ އެތެރެކޮށް ބޭރުކުރާއިރު ހުރިހާ މުދަލެއްވެސް ހާމަނައިޒްޑް ސިސްޓަމް (އެޗް.އެސް) ކޯޑްތަކުގެ ދަށުން ގިންތިކުރަންޖެހެއެވެ. ޑިއުޓީ އަދި ޓެކްސްގެ ރޭޓްތައް ކަނޑައަޅަނީ މި ކޯޑްތަކުންނެވެ.
މުދާ އެތެރެކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަލާއިރު، މުދާ އެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަހައްޓާ އެސިކިއުޑާ ވޯލްޑް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޮމާޝަލް އިންވޮއިސް، ޕެކިންގ ލިސްޓް، ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް، އަދި އިމްޕޯޓް ޑިކްލަރޭޝަން ފަދަ މުހިންމު ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭނެއެވެ. މުދާ ބޭރުކުރުމުގައިވެސް، އެކްސްޕޯޓް ޑިކްލަރޭޝަން ފޯމާއި، ބައެއް ހާލަތްތަކުގައި ސެޓްފިކެޓް އޮފް އޮރިޖިން އަދި ކާބޯތަކެއްޗަށް ހެލްތު ސެޓްފިކެޓް ފަދަ ލިޔެކިޔުންތައް ބޭނުންވާނެއެވެ.
އުސޫލުތައް އޮންނަގޮތުން އިމްޕޯޓް އަދި އެކްސްޕޯޓް ކްލިއަރެންސް ބަލަހައްޓަނީ ކަސްޓަމްސް އިންނެވެ. މުދަލަށް ކްލިއަރެންސް ދިނުމުގެ ކުރިން ކަސްޓަމްސް އޮފިސަރުން ޝިޕްމަންޓްތައް ބަލައި ފާސްކުރާނެއެވެ. އަދި މުދާ ދޫކުރުމުގެ ކުރިން އިމްޕޯޓް ޑިއުޓީ އަދި ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޖީ.އެސް.ޓީ) ދައްކަންޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަކީ މުހިއްމު ޤާނޫނަކަށްވާއިރު މި ޤާނޫނުގައި ކަސްޓަމްސް ޑިކްލަރޭޝަން، އިންސްޕެކްޝަން، ވެލުއޭޝަން އަދި ޖޫރިމަނާގެ ޤަވާއިދުތައް ބަޔާންކޮށްފައިވެއެވެ.

އިމްޕޯޓް/އެކްސްޕޯޓް ކޮންޓްރޯލް ރެގިއުލޭޝަންގައި މަނާ އަދި ހިފެހެއްޓިފައިވާ ތަކެތި އަދި ކޮންޓްރޯލްކުރެވިފައިވާ މުދަލުން ވިޔަފާރިކުރެވޭނެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. ވިޔަފާރިތަކުން މުދާ އެތރެކުރުމާއި ބޭރުކުރުމުގައި މިކަންކަމަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.
މުދާ އެތެރެކުރާ ވިޔަފާރިތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށް، ޖީ.އެސް.ޓީ ރިޓާން ހުށަހަޅަންޖެހެއެވެ. ބައެއް ހާއްސަ ހާލަތްތަކުގައި ކަސްޓަމްސް އަދި ޓެކްސް އޮތޯރިޓީތަކުން އޮޑިޓް ނުވަތަ އިންސްޕެކްޝަނަކަށް އެދިދާނެތީ، ހުރިހާ މުޢާމަލާތްތަކާއި ލިޔެކިޔުންތަކުގެ ސާފު އަދި ސައްހަ ރެކޯޑު ބެލެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.
މުދާ އެތެރެކުރާ އަދި ބޭރުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެކަމާއި ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިިކަންކަމަށް ފަރުވާތެރިވެއްޖެނަމަ މުދާ އެތެރެކުރުމާއި ބޭރުކުރުން ފަސޭހަވެ، އެކަމަށް ހިނގާ ހަރަދުކުޑަވާނެއެެވެ.

